ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ތަޞައްވުރު
މި ބަޔާނަކީ މި ހިނގާ 2017 ވަނަ އަހަރާއި މެދުރާސްތާގެ އިގްތިސާދީ ހާލަތާއި ތަސައްވުރުގެ މައްޗަށް އަލިއަޅުވައިލައި ބަޔާނެކެވެ. މި ބަޔާނުގައި ބަލައިލާފައިވާނީ ދުނިޔެއާއި ރާއްޖޭގެ އިގްތިސާދީ ހާލަތާއި މެދުރާސްތާގެ ތަސައްވުރަށެވެ. މިގޮތުން ގައުމީ އުފެއްދުންތެރިކަމާއި، އިންފްލޭޝަން އަދި ރާއްޖެއިން ބޭރުގެ ގައުމުތަކާއެކު ކުރެވުނު ފައިސާގެ މުއާމަލާތުގެ ހިސާބުތަކަށް ބަލައިލެވިފައިވާނެއެވެ.
ދިވެހިރާއްޖޭގެ ފިސްކަލް ޙާލަތާއި ތަޞައްވުރު
2018 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އަމާޒުކުރެވިފައިވަނީ ގައުމު އާރާސްތުކުރުމަށާއި، ރައްޔިތުންނަށް ދަތިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށާއި، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ޒަމާނީ ބަދަލުތައް ގެނެސް ފެންވަރު ރަނގަޅުކުރުމަށާއި އިގްތިސާދަށް އެންމެ ފައިދާވާ އަދި ރައްޔިތުންނަށް އެންމެ ބޭނުންތެރި ތަރައްގީގެ މަޝްރޫޢުތަކަށް އިންވެސްޓްކުރުމަށެވެ. މި ބަޖެޓުގައި ފިސްކަލް ނިޒާމު ބައްޓަންކުރެވިފައިވާނީ ދައުލަތުގެ ޚަރަދުތައް އެކަށީގެންވާ މިންގަނޑެއްފައި ހިފެހެއްޓުމަށާއި، ލިބޭ އާމްދަނީން އާންމު ޚަރަދުތައް ދެކޮޅުޖެއްސުމުގެ އަސާސްގެ މައްޗަށެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް
ޕީ.އެސް.އައި.ޕީއަކީ ދައުލަތުން ހިންގާ އުމްރާނީ ތަރައްގީ ނުވަތަ މައްތިނި މަޝްރޫޢުތަކުގެ ޕްރޮގްރާމެވެ. މައްތިނި މަޝްރޫޢުތަކުގެ ބޭނުމަކީ ރައްޔިތުންނާއި ރަށްތަކަށާއި ދިވެހި އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތައް ފިލުވައިދިނުމުގެ އިތުރުން އެކިއެކި ފުރުސަތުތައް ހުޅުވައިދިނުމެވެ. މި ފަދަ މަޝްރޫޢުތަކުން ހާސިލުކުރަން ބޭނުންވާ ނަތީޖާއަކީ ގައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިކޮށް ރައްޔިތުންގެ އާންމު ދިރިއުޅުމަށް ފަސޭހަތައް ފޯރުކޮށްދިނުމެވެ.